މަޖްލިސް ރައީސަށް ފޮނުވާ އޯޕަން ސިޓީ: ހަމަ ގައިމު ކުނި މެނޭޖުކުރުމެއް ނޫން

މިއީ އެޓޯލްސްކޭޕުގެ ކޮންޓްރިބިއުޓަރެއްގެ ފަރާތުން ރައްޔިތުންގެ މަޖްލިސްގެ ރައީސަށް ފޮނުވާ އޯޕަންސިޓީއެއްގެ ކޮޕީއާއި އެއާ ގުޅުންހުރި ފޮޓޯއާއި ލިންކެވެ.

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ

ވާދީ،

ނ. ކުޑަފަރީ

އަންނަ އަހަރަށް ލަފާކުރާ ގައުމީ އުފެންދުންތެރިކަމުން ދައުލަތުގެ ބަޖެޓަށް ވަންނަ އާމުދަނީން 214.7 މިލިޔަން ރުފިޔާ ވަނީ ‘ރައްކާތެރި ގޮތެއްގައި ކުނި ބެލެހެއްޓުމަށް’ (މެނޭޖުކުރުމަށް) ހޭދަކުރުމަށް ކަނޑައަޅައި ތިޔަ އިއްޒަތްތެރި މަޖިލިހަށް ފޮނުއްވާފައެވެ. ފާއިތުވީ އަހަރު ތިޔަ މަޖިލީހުން ފާސްކޮށް ހަރަދުކުޅަ ބަޖެޓުގައި އިހު ނަންގަނެވުނު ބޭނުމަށް ކަނޑައަޅާފައި އޮތީ 138.6 މިލިޔަނުގައެވެ.

ދިވެހިރާއްޖޭގެ ވެއްޓަށާއި، އިގުތިސޯދަށް އަދި މި ރާއްޖޭގެ ދެމިއޮތުމަށް ދިމާވެފައި އޮތް ގައުމީ މި ބޮޑު މައްސަލަކަމަށްވާ ކުނީގެ މައްސަލައާއި މެދަށް އަދުގެ ސަރުކާރުން ދޭ އަހައްމިއްޔަތު ކަމަަށް ދެކި އުފާކުރާ ހާލު މިކަމާ މެދަށް އަހުރެން ދެކެ، ފެނި ހިނގާ މަންޒަރެއް މަނިކުފާނަށް ދަންނަވައި ލުމަށް މި ސިޓީ ލިޔުމަށް ގަސްތުކުޅައީމެވެ.

ގައުމީ އުފެއްދުންތެރިކަމުން ގިނައަދަދެއްގެ ފައިސާ ހަރަދުކޮށްގެން ކުނި މެނޭޖުކުރުމުގެ ނަމުގައި ކުރާކަންތައް ދެކޭން ހުންނައިރު އަހުރެނަށް ފެންނަނި ކުރާތީ މުޅީން އެހެން ކަމެކެވެ. ހަމަ ގައިމަށް މެނޭޖުކުޅައުމެއް ނޫނެވެ. ފެންނަނީ މައްސަލަ އެކެއްގެ ކިބައިން އަނެކެއްގެ ކިބަޔަށް ނަގުލުކުރާ ތަނެވެ. ނޫންނަމަ، މައްސަލަ އަނެއް މައްސަލައަކަށް ނަގުލުކުޅައުމެވެ.

ކުނި މެނޭޖުކުރުމެއް ނޫނެވެ. ކުނި ބަލަހައްޓައި ބޮޑުކޮށް އިތުރުކޮށް ނަގުލުކުރުމެވެ. އެކެއްގެ ކިބައިން އަނެކަކަށެވެ. އެއް މައްސަލައިން އަނެއް މައްސަލައިން އަނެއް މައްސަލައަށެވެ. އެއްދުވަހުން ފަހުގެ ދުވަހަކަށެވެ.

ގައުމީ އުފެެއްދުންތެރިކަމުން އެތަށް ބިލިޔަން ޑޮލަރެއް ހޭދަވާނޭ ގޮތަށް ވޯލްޑް ބޭންކުން ލޭންދޭނަށް ކުނި މެނޭޖުކުރުމުގެ ‘ފުރިހަމަ މަސްރޫއެއް’ ހިންގާފައި އޮތް އެއްތަނަނީ މިލަންދުން މަޑުލު ދެކުނުބުރި، މާޅޮސްމަޑުލު ދެބުރި އަދި ފާދިއްޕޮޅު (ނ، ރ، ބ، ޅ އަތޮޅު) ހިމެނޭ ގޮތަށް އޮތް ޒޯނެވެ. ދިރިއުޅުން އަދު ހުއްޓިފައި މި އޮތީ މި ސަރަހައްދުގައި ކަމުން އެކަން ފެނި ތަޖުރިބާ އެބަވެއެވެ.

އެތައް ގިނަ ހަރަދެއްކޮށް އެހާމެ ގިނަ ވަގުތެއް ނަގާލައިގެން ގާއިމުކުރެވިފައިވާ ‘ފުރިހަމަ ކުނިމެނޭޖުކުރުމުގެ ނިޒާމުގައި’ ކަންހިނގަނީ ފަހަށް މި ލިޔާ ގޮތަށެވެ. ހަމަ ގައިމަށް ދެކޭން ހުންނަ މީހަކަށް ފެންނަނީ މި މަގަށް ހިނގާތަނެވެ.

ރަށަކީ އެންމެ ފުރިހަމައަށް މިކަން ހިނގާ ރަށެކެވެ. ގޯތިތެރޭ ނޫންނަމަ ރަށުތެރޭ އޮންނަ ކުނީގެ މައްސަލަ ކަހާ ތާހިރުކޮށް އެއްކޮށް އެގޯއްޗެއްގެ ތެރޭގައި ހުންނަ ނުވަތަ ރަށުތެރޭ ހުންނަ ޑަސްބިނަކަށް ނަގުލުކުރެއެވެ. ‘ޕްރޮޕަރ ކަލެކްޝަން ސިސްޓަމެއް’ މެދުވެރިކޮށް މި މައްސަލަ ކުނި އުފުލާ ޕިކަޕެއް ނުވަތަ ގާޑިޔަލެއްގައި ހުންނަ އެޔަށް ވުރެ ބިޔަ ޑަސްބިނަކަށް މައްސަލަ ނަގުލުވެއެވެ. މި އުފުލީގައި މައްސަލަ ރަށުގައި ހުންނަ ވޭސްޓް މެނޭޖުމަންޓް ސެންޓަރަށް ނަގުލުވެއެވެ.

ވަކިވަކީން ހުރި ކުނީގެ ތަފާތު ބާވަތްތަކުގެ މައްސަލަތަށް މިހާ ހިސާބަށް އަންނަ އިރު ހުންނަނީ އެއްވެ ‘ފުރިހަމަ’ ވެފައެވެ. މެނޭޖެއްނުވެއެވެ. މައްސަލަ އެކެއް އަނެކެއްގެ ކިބަޔަށް ގިނަކުރެވި ނަގުލުވެއެވެ.

ގިނަ ރަށްރަށުގައި ޖަމާކުރެވޭ ކުނީގެ މައްސަލަ ސެންޓަރުގައި އަންދާލެވި، މުޅިންއައު އެހެން މައްސަލައަކަށް ނަަގުލުވެއެވެ. މަދު ރައްރަށެއްގައި މި ތަކެތި އެތަނުގެ ތެރޭ ޖަމާކޮށް ގޮނޑުކުރެވި، އިތުރު އެތައް މައްސަލައަކަށް ނަގުލުކުރެވެއެވެ.

ސެންޓަރުތަކަށް ޖަމާކުރެވޭ ކުނީގެ ހަތަރުބައިކުޅަ ތިންބަޔަކީ ތަބީއީ ގޮތުން ފަނާވެދާ ތަކެތި ކަމުގައިވި ނަމަވެސް މުޅި މިސަރަހައްދުގައި ހިމެނޭ 46 ރަށުގެ ތެރެއިން ދޮޅަހަކަށް ރަށުގައި ވެސް މީގެތެރިން އެއްވެސް މިންވަރެއް ކާދަށް ބަދަލުކުރެއް ނުކުރެވެއެވެ.

ނިޒާމު ރެވިފައި އޮތީ ރ. ވަންދޫގައި ހުންނަ ސަރަހައްދީ މަރުކަޒަށް މި ހަތަރު އަތޮޅުގެ ކުނީގެ މައްސަލަ އުފުލުމަށެވެ. މިކަމާއި މިތަން ހަވާލުވެ އޮންނަނީ ދައުލަތުގެ ކުނި މެނޭޖުކުރާ ކުންފުނި ވެމްކޯއާއެވެ. ކުންފުންޏާ ރައްރަށުގެ ރަށު ކައުންސިލުތަކާ އަހުދުނާމާ ވެފައި އޮންނަނީ މަހަކު އެއްފަހަރު މިކަން ކުރުމަށެވެ.

ވެމްކޯގެ ބަރު އުޅަނދުފަހަރުގައި ރަށްރަށަށް އަރައި ސެންޓަރުތަކަށް ޖަމާވެފައި ހުރިި މައްސަލަ ސަރަހައްދީ މަރުކަޒަށް ނަގުލުކުރެއެވެ. އެތަން މިތަނުން ނަގަމުން އެއްކުރަމުން ގުނަކުރަމުން ނަގުލުވަމުން އައި މައްސަލަ އުފުލޭއިރު އޮންނަނީ ތަނަށް ނުކަތާވަރުވެ ގޯސްވެފައެވެ.

ގޯސްވެފައި އޮންނަ މިންވަރީ ސަރަހައްދީ މަރުކަޒަށް މައްސަލަ ނަގުލުވުމާ މަރުކަޒު ހުއްޓުމާއެވެ. މި މަރުކަޒުގައި އިންސިނިރޭޓަރެއްގެ ވާސިތާއިން ޖަމާކުރެވުނު މައްސަލަ އިތުރު އެތައް މައްސަލައަކަށް ނަގުލުކުރުމަށް އެންދުމަށް އެތައް ދުވަހެއް ނަގައެވެ. ގިނަފަަރަށް އަހަރު ދުވަހެވެ. މަހަކު ކުރަން ވީ އަހުދު އަހަރަކު އެއްފަރުވެސް އޮންނަނީ ނުފުއްދިފައެވެ.

ގިނަ ރައްރަށުގައި އަދިވެސް ކުނި އުކާލެވެނީ އެމީހަކަށް ފަސޭހަތާކަށެވެ. ވަލެއް، އަތިރިއެއް ކުޅިއެއް ޗަސްބިމެއް ކަމަކު ވިހެވެ. ރަށުތެރެއާއި، އާއްމު ތަންތަނަށް ކުނި އެޅުމުގެ ހުތުރު އާދައަށް ބަދަލެއް އައިސްފައި އޮތީ އެހާމެ މަދު ރަށެއްގައެވެ. ކުނީގެ ސަބަބުން އުފެދިގެން އަންނަ އާއްމު ސިއްހަތުގެ މައްސަލަތަކަށް ހައްލެއް އައުމުގެ ބަދަލުގައި ފެންނަނީ ބޮޑުވެ އިތުރުވާ މަންޒަރެވެ.

ސަރަހައްދުގައި ހުރި ހުރިހާ ލަގްޒަރީ ރިޒޯޓުފަހަރުން އެދަނީ ގަވާއިދުން ކަނޑަށް ކުނިއަޅަމުންނޭ ދެންނެވިއަސް ފާފަވާވަރު ދޮގަކަށް ނުވާނެއެވެ. ހަމަ ގައިމުވެސް ގައިމުވެސް ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ ދަށުން ސުވާލުކުރިއަސް ހިލާފުވީ ކަމަކަށް ނުވާނެއެވެ.

އެެހެން ނަމަވެސް، އެތައް ހާސް ލީޓަރެއްގެ ޑީސަލެއް އަންދައިގެން ސަރަހައްދީ މަރުކަޒަށް އުފުލި މައްސަލަ އިންސިނިރޭޓަރެއްގައި އަންދައިގެން އުފެއްދުނު މަދު ކަރަންޓުގެ ހަކަތައާއި މެދަށް އަހަރެމެން ތިމާވެއްޓާބެހޭ ވަޒީރު ފާހަގަކޮށް އުފާފާޅުކޮށް ނުކުރަންވީ ކީއްވެހެއްޔެވެ؟ އަންދާ މިލެވުނު ތަކެތިން ބޯޓުދެލިން ހަކަތަ އުފައްދާ ޖަނަރޭޓަރަކުން ބޭރުކުރާ ވަރަށްވުރެ އިތުރަށް ގެނދަބުޅި ބޭރުކޮށް މޫސުމަށް އަންނަ ބަދަލާއި އަދުގެ މޫސުމީ ކާރިސާގައި ބައިވެރިވެވޭ މިންވަރު އިތުރުކުރުވީ އުފާކުރަން ހައްގު ކަންކަމެއް ނޫންތޯއެވެ؟

އަދު، މަނިކުފާނަށް މި ސިޓީ އަހުރެން މިލިޔާ ވަގުތުވެސް މި ސަރަހައްދުގައި މި ހިންގުނު މަޝްރޫއުގެ ފުރިހަމަ ކަމަށްޓަކައި އެހެން ސަރަހައްދެއްގައި ނަކަލުކުރުމުގެ މަސައްކަތް އެބަ ހިނގައެވެ.

އަހުރެން މަނިކުފާންގެ ސަމާލުކަމަށް އެދި މި ދެންނެވި ކަންކަމާ މެދަށް ތިޔަ އިއްޒަތްތެރި މަޖުލިހުން ފިކުރުހިންގަވައި، ދިވެހިރާއްޖޭގައި އުފެދޭ ކުނީގެ މަދުކުރުމުގެ ބަދަލުގައި ދުވަންދުވަހަށް ކުނީގެ މިންވަރު އިތުރުކޮށް، އެކެއް އަނެކެއްގެ ކިބައިން ނަގުލުކޮށް، އެއްކޮށް އަންދައި އެއިން ހަކަތަ އުފެއްދުމުގެ ނަމުގައި މިހިނގާ ދެކޮޅު ޖެއްސެންނެތް ހަރަދުބޮޑު މިމަސައްކަތް ތަކުރާރުކުރުމަށް ފައިސާ ދޫނުކުރުމަށް އެދެމެވެ.

އިހުތިރާމު ގަބޫލުކުރެއްވުން އެދެމެވެ.

16 ނޮވެންބަރު 2019، ނޮރަ ނަކަތުން 3

އަހުރެނީ،

އަލީ ޝަމީމް މުހަންމަދު (ސަންބޯ)

.މިސިޓީގައި ރިއާޔަތްކުރާ ލިންކާއި އިތުރު މައުލޫމާތު ތިރީގައި ހިމަނަމެވެ

ޖުލައި 2019 ގައި ރ. ވަންދޫ ކުނި މެނޭޖުކުރާ ސަރަހައްދީ މަރިކަޒާ ބެހޭގޮތުން އެންވަޔަރަމަންޓް މިނިސްޓަރު ކުރައްވާފައިވާ ޓްވީޓެއް
ރ. ވަންދޫ ކުނި މެނޭޖުކުރާ ސަރަހައްދީ މަރިކަޒާ ބެހޭގޮތުން ރައްޔިތަކު ކުރި ޓްވީޓެއް

“ކައުންސިލަރުންނަކީ ޖަޒީރާ ރަށެއްގެ ޖެނެރަލް މެނޭޖަރު”

ރަށުގެ އެންމެ ރީތި ބީޗުފަޅިފުރާލާ، މަދު ބަޔަކަށް ފައިދާވާ، އުދަރެސް ބަނަކޮށްލާ ބިޔަ ހޮޓާނޭޅިޔަސް، ރަށުގެ ގިނަބައެއްގެ ޖީބަށް ހަލާލު ޑޮލަރު ވައްދާނޭ ސާދާމަގެއް ދައްކުވައިދޭ އަބްދުއްލާ ރަޝީދު އައިސީގެ “ޖަޒީރާރާއްޖެ – ގެސްޓްހައުސް ވިޔަފާރި” ފޮތުގެ ކޮޕީ މިތަނުން ލިބެން އެބަހުރި

ފޮތުގެ ޑިޒައިން އަދި ލޭައައުޓް ހެދީ އައިޝަތު ފަދުވާއާއި އެޓޯލްސްކޭޕް