ތިރަށުގެ ބިނާވެށި ޕްލޭނު ކޮބާ؟

ބިނާވެށި ޕްލޭނުކުރުން =

ބިމުގެ ބޭނުން ރައްޔިތުން ކަނޑައެޅުން

ރާއްޖޭގެ ބިނާވެށި ޕްލޭނުކުރުމާއި ހިންގުމުގެ ގަވާއިދު (2005) ގައި ވާގޮތުން

“ބިނާވެއްޓަކީ” ދިރިއުޅުމާއި މަސައްކަތްތައް ކުރުމަށްޓަކައި އެކި ބޭނުންތަކަށް ބިމާއި ވަށައިގެންވާ ކަނޑުފަޅަށް ބަދަލު ގެނެވިގެން އުފައްދާ ވެއްޓެވެ. ދިވެހިރާއްޖެއަކީ ގުދުރަތީގޮތުން ތަފާތު މާހައުލުތަކެއް ހިމެނޭ ކަނޑު، ފަޅު، ފަރު އަދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމަކަށް ވާއިރު، ކަނޑައެޅޭ އުސޫލުތަކެއްގެމަތިން ނުބެލެހެއްޓިއްޖެނަމަ އެތަނެއްގައި ދިރިއުޅޭ ބަޔަކަށް ތަފާތު އުނދަގޫތައް ވުމުގެ އިތުރުން، މާހައުލަށް އަންނަ ބަދަލުތަކާއި ގުޅިގެން ސިއްހީ އަދި އިޖުތިމާއީ މައްސަލަތައް ކުރިމަތިވުމަކީ ގާތް ކަމެކެވެ. އެހެންކަމުން، ކޮންމެ ރަށެއްގެ ބިނާވެއްޓަކީ ވަކި ގަވާއިދުތަކެއްގެ މަތިން ޕްލޭން ކުރެވިގެން ދެމެހެއްޓެނިވިގޮތަކަށް ތަރައްގީކުރެވޭ ތަނަކަށް ވެއްޖެނަމަ، އެތަނެއްގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ބަޔަކަށް ވަރަށް ހިތްފަސޭހަ، އުޅޭހިއްވާ މާޙައުލަކަށް ހެދުމަކީފަސޭހަކަމަކަށް ވާނެއެވެ.

މިރިވެތި އިބާރާތުގައިވާ ގޮތަށް ކަންކަން ފަހި ކުރާނަމަ ދިވެހިރާއްޖޭގެ ބަންޑާރަ ބިމުގެ ހައްގު އިންސާފުވެރިކަމާއެކު ރައްޔިތުންގެ މެދުގައި ބޭނުންކުރެވޭނެގޮތެއް ގާއިމުކުރަން މަޖުބޫރެވެެ.

އެ އިބާރާތުން ދޭހަވާގޮތުންމެ، މަރުކަޒީ ސަރުކާރަކުން އެއްބައްޓަމަކަށް ފަރުމާކޮށްފައިވާ ބިނާވެށީގެ ޕްލޭނެއް ކޮންމެ ރަށަކަށް ނަކަލުކޮށްފިނަމަ، އެރަށުގެ ބިނާވެއްޓަށް ނުހަނު ބޮޑު ގެއްލުންވެ، ރަށުގެ މުޅި ދިރިއުޅުން ހަރާބުކުރާތަން ރާއްޖޭގެ އެކިރަށްތަކުން ފެނިފައިވެއެވެ.

މިފަދަ ބައެއް ދަންތުރަތަކުގެ މިސާލުތަކަށް ބަލާނަމަ:

  • 2004 ގެ ސުނާމީއާ ގުޅިގެން ލިބުނު ބޭރުފައިސާތައް ހަލާސްކޮށްގެން ހަދަން އުޅުނު ‘ސޭފް އައިލެންޑް’ އަށްވެގެންދިޔަގޮތް މިވަނީ އެންމެންނަށް ފެންނާށެވެ.

                   

  • ހުޅުމާލެ މާސްޓަޕްލޭންގައި ފުރަތަމަ ރާވާފައިވާ ‘ސެލްފްސަސްޓެއިނިންގ’ ތަރައްގީގެ އުސޫލުގެ ބަދަލުގައި ފޫނުބެއްދޭވަރުގެ ބޮޑެތި ލޯނު ނަގާ، ރައްޔިތުންގެ އަތްފޯރާފަށަށް ބޯހިޔާވަހިކަން ގެނައުމުގެ ބަދަލުގައި ކޮމާޝަލް އުސޫލުން ބިންތައް ވަނީ އާންމު ޖާގައިން އެކަހެރި ކުރެވި،ތަރައްގީގެ ނަމުގައި ކްލާސް ސިސްޓަމަށް ބައްޓަން ކޮށްފައެވެ.

ވީމާ، ބިނާވެށި ޕްލޭނެއް ހެދުމުގައި ދެމޭ ކޮންމެ ރޮނގަގީ މުލައްދަނޑީގެ (totalitarian) ބާރާއި ރައްޔިތުންގެ (democratic) ބާރާ ދެމެދު ކުރެހޭ ރޮނގެއް ކަމުގައި ބުނެވިދާނެއެވެ. އަދި ތަރައްގީއޭ ބުނެ ބިނާވެށި ޕްލޭނެއް އެކުލަވާލުމަށް ދައުލަތުގެ ބިން ބެހުމަށް ދެމޭ ކޮންމެ ރޮނގަގީ މިތަނުން ކޮންމެވެސް އެއް ފަލްސަފާއެއްގެ މަތިން ކަނޑައަޅާ ރޮނގަކަށް ވެގެންދެއެވެ.

ބިނާވެށި ޕްލޭނުކުރުމާއި ހިންގުމުގެ ބިލު 24 އޯގަސްޓު 2020 ގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ، ބިލުގެ އިބުތިތާއީ ބަހުސްނިމި، މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. ފުރަތަމަ ފެންނަ ފެނުމަށް ބަލާއިރު ހީވަނީ މިބިލަކީ މިވީހާތަނަށް ރާއްޖޭގައި ދެކެމުންއައި މަރުކަޒީ ހިންގުމުގެ ނިޒާމަށް ގާނޫނީ ބާރު ދިނުމަށް ތައްޔާރުކުރެވިފައިވާ ބިލެއްހެންނެވެ. އަދި މިބިލު ސަރުކާރުން ފަރުމާކޮށްފައިވަނީ ލާމަރިކަޒީ ގާނޫނުގެ ހިކުމަތާ ހިލާފަށް، މަރުކަޒީ މިިނިސްޓަރުގެ މުށުތެރޭގައި ބިނާވެށި ޕްލޭނުކުރުމުގެ ހުރިހާ ދައުރެއް ހިމެނިފައިވާ ގޮތަށެވެ.

ގޮނޑި ފޮޓޯ: ޓްވިޓަރުން

ނޯޓު: ބިނާވެށި ބިލުގައިހުރި ފާހަގަކުރެވޭ ބޮޑެތި މައްސަލަކާއި ބިލާބެހޭގޮތުން އެކިފަރާތްތަކުން މަޖްލީހު ތަޅުމުގަޔާއި ބިނާވެށި ކޮމިޓީގައި ފާހަގަކޮށްފައިވާ މުހިއްމު ނުކުތާތައް މިބްލޮގުގެ ދެން އަންނަ ލިޔުމުގައި ފާހަގަކުރުމަށް ގަސްތުކުރަމެވެ.