about us

އިއުލާން

އަރި އަތޮޅު ދެކުނުބުރީ އެތެރެވަރީގެ ރަށެއް ކަމުގައިވާ ކުނބުރުދޫ ރައްޔިތުންނަށް ޙާއްސަ އިމާރާތެއް ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލީމެވެ. މިއިމާރާތުގެ ތަސައްވަރީ އަސާސާއި ވިސްނުމުގެ އޮނިގަނޑު ބައްޓަންވެގެން ވާން ވާނީ އުޑާއި، އުޑުގެ ދިރުމާއި، ބިމާއި، ބިމުގެ ދިރުމާއި، ކަނޑާއި ކަނޑުގެ ދިރުމާއި، ފަޅާއި، ފަޅުގެ ދިރުމުގެ ފުރިހަމަ ބޭނުން އެކުލެވޭ ގޮތުގެ ޔަޤީންކަމާއި އެކުގައެވެ. މިތިން ގިންތިކުރުންތަކުގެ އިހުތިސާސް ވެގެންވާން ވާނީ ދުރު ކައިރި މިނުން އެންމެ ފުރިހަމަ ބޭނުންހިފޭ މިންވަރަކަށެވެ. މިއިމާރާތުގެ ދިރިއުޅޭނޭ ނާރެހުން ކަނާތާއި، ވާތާއި، ކުރިޔާއި، ފަހަތާއި، މައްޗާއި، ތިރީން ފަސްދީ ދިނުމުގެ ދަތުރުވާން ވާނީވެސް މިބުނި ތިން ގިންތިކުރުމުގެ މާހައުލީ ނިޒާމުގެ އިހުތިސާސްގެ ފުރިހަމަ ބޭނުން ކުރެވޭނެ ގޮތްތަކަކަށެވެ

އަދި ފަރުމާ ކުރެވޭ އިމާރާތުގެ އަކަޖެހުމުގެ ގުނަހަރަ ވާން ވާނީ ކަނޑުގެ އުދަރެހުން އުޑަށް، ގިނަވެގެން ތިން ރޮންދާ، އަދި މަދުވެގެން އެއް ރޮންދާއެވެ. ހަމަ އެފަދައިން، އިމާރާތް ބިނާކުރެވެނީ ފަޅުގައި ނަމަ، ފަރުމާ ކުރެވޭ އިމާރާތުގެ އަކަޖެހުމުގެ ގުނަހަރައިން ކަނޑުގެ އުދަރެހުން ފަޅާވި ފަޅި އަޑިއަށް ވާން ވާނީވެސް ގިނަވެގެން ތިން ރޮންދާ، އަދި މަދުވެގެން އެއް ރޮންދާއެވެ. ނަމަވެސް، މި މިންވަރުތައް ބަދަލުކުރުމުގެ މިނިވަންކަން މި ވާދަވެރި މުބާރާތުގެ އެންމެހައި ބައިވެރިންނަށް އަރުވަމެވެ

މިއިމާރާތް ބިނާކުރުމުގެ މައިގަނޑު ނިޔަތަކަށް ވާން ވާނީ ކުނބުރުދޫގެ ރައްޔިތުންގެ ދުޅަހެޔޮ ކަމާއި، ދުނިޔޭގެ ދިރިހުރި ކަމާއި، ކާއިނާތުގައި ކޮންމެ ފަރުދެއްގެ “ވުން” ހަނދުމަ ކުރުމަށް އަހަންމިއްޔަތުކަން ދީގެންނެވެ. އަދި މީގެ އިތުރުން، މިއިމާރާތުގެ ވަރާއި، ބަރުދަނާއި، ބޭނުން ކުރާނޭ މާއްދާތައް ހުންނަން ވާނީ ޤުދުރަތީ އަރައްކާއިން ސަލާމަތް ވެވޭނޭ މިންވަރުތަކެއް ކަނޑައެޅިގެންނެވެ. މިއިމާރާތުގެ ގިއުގަނޑު ވާން ވާނީ ނުރައްކާތެރި މޫސުމީ އަރައްކާ ތަކުން ވީލޭނޭ ފަދައިންނެވެ. އަދި އޭގެ އިތުރުން، ކާރިސާއެއްގެ ހިރާސް ވީހާވެސް ކުޑަ މިންވަރަކުން ފުރާނަ ސަލާމަތްވާނޭ ފަދައިންނެވެ. މިކަންކަން ނިޔާކުރުމާއި، މަންޒަރުކުރުމުގެ ފަންނުވެރިކަމުގެ އުޖޫރަ ކަނޑައަޅާނީ ކުނބުރުދޫގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނެވެ

މިވާދަވެރި މުބާރާތުގައި ބައިވެރި ވުމައްޓަކައި، 3 ޖޫން 2080 ގެ ނިޔަލަށް ފުރުސަތު އަރުވަމެވެ

މިނިސްޓްރީ އޮފް ބައޯރީޖަން