ލާމަރުކަޒީ ކުރުމުގައި އެމްޑީޕީގެ ރޮނގު އަޅަނީ ކިހިނެއް؟

ކޯލިޝަން ސަރުކާރެއްގެ ހާލަތުގައި ރައްޔިތުންގެ މަޖްލީހަށް ލާމަރުކަޒީ ގާނޫނުގެ އިސްލާހުކުރުން ކުރިމަތިވިއިރު މިއުޅެނީ އެމްޑީޕީގެ ސިޔާސަތު އޮތްގޮތް އޮޅިގެން. ސާފުކޮށް މިއީއޭ އެމްޑީޕީ ވަކާލާތުކުރާ ލާމަރުކަޒީ ސިޔާސަތަކީ ބުނެވޭ ސިފައެއްގައި ފާޅުނުކުރެވިގެން. ނުވަތަ އެމްޑީޕީގެ ވިސްނުން މާ ކުލަގަދަކޮށް ފާޅުނުވުން އެއީ ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމުގައި ބޭނުންތެރި ހިކުމަތެއް ކަމުގައި ދެކިގެން

އެހެންވީމާ ލާމަރުކަޒީ އެކްސިސްގައި  އެމްޑީޕީގެ ރޮނގު އަޅަނީ ކިހިނެއް؟

މިކަން ބެލެވެން އޮތް އެއްގޮތަކީ ރައްޔިތުންގެ މަޖްލިސްގައި މިއަދު ކުރާ ލާމަރުކަޒީ ގާނޫންގެ ބަހުސް ކުރާއިރު މިބަހުސްގެ މަރުހަލާތަކުގައި އެމްޑީޕީގެ 65 ގޮނޑީގެ ސުޕަމެޖޯރިޓީ ފާޅުކުރާ ރޮނގު ބަލާ ކުރެހުން. ލާމަރުކަޒު ކުރުމާމެދު އެމްޑީޕީގެ މަޖްލިސް މެންބަރަކު ގައިމުވެސް ނުބުނާނެ ހިސާބަކީ ކޮބާތޯ ބެލުން، ނުވަތަ ކަނޑައެޅިގެން ބުނާނީ ކީކޭތޯ؟ އަދި ކޮންމެހެން ނުބުނެ ދޫކޮށްލާނީ ކޮން އެއްޗެއްތޯ ބެލުން. އަދި ދާއިރާތަކުގެ ރައްޔިތުން އެދޭ ގޮތަށް މިރޮނގު ކުރެހީމަ ރޮނގު އިންނަ ގޮތާއި މަޖްލިސްގައި އެމްޑީޕީއިން ދައްކާ ވާހަކައިގާ އެޅޭ ރޮނގާ ހުރީ ކޮން ފަރަގެއްތޯ އަދި އެއް ގޮތްތަކެއްތޯ ބެލުމާއި، ކޯލީޝަން ސަރުކާރުން ހުށައަޅާ ބިލްގެ ބައިތައް ކުރެހީމާ އެޅޭ ރޮނގު ބެލުން

މިހާރު ދެކެވޭ ވާހަކަތަކުން ހީވާ ގޮތުން، ލާމަރުކަޒީ ގާނޫން އިސްލާހުކުރުމުގައި އެންމެ ބޮޑަށް ބަހުސް އޮތީ ލާމަރުކަޒީ ބާރުތައް ބެހޭ މިންގަނޑާމެދު. އެއީ ލާމަރުކަޒުކުރަނީ ކަންކަން ނިންމުމުގައި މައިސަރުކާރަށް ބަރޯސާވާވަރު ބޮޑު ގޮތަކަށްތޯ ނުވަތަ އަތޮޅާއި ރަށުކައުންސިލުތަކަށް ފުރިހަމަ ބާރުތައް ލިބިފައިވާ ގޮތަށްތޯ. މިދެގޮތުން އެމްޑީޕީ ހިޔާރު ކުރަނީ ކޮން ފަޅިއަކާ ގާތްގޮތެއްތޯ ބަލަންޖެހޭ

މައިސަރުކާރަށް ބަރޯސާވާވަރު ބޮޑު ލާމަރުކަޒީ ނިޒާމަކާއި އަތޮޅާއި ރަށުކައުންސިލުތަކަށް ފުރިހަމަ އިހުތިޔާރާއިބާރު ލިބިފައިވާ ލާމަރުކަޒީ ނިޒާމްގެ ފަރަގު

ލާމަރުކަޒީ ނިޒާމްގެ ފަރަގު

މި މިންގަނޑު ބެލިދާނެ އެއްގޮތަކީ ތިރިއަށް މިއަންނަ ސުވާލުތަކަށް އެމްޑީޕީ ސުޕަމެޖޯރިޓީގެ ޖަވާބުތައް އެތުރޭގޮތް ބެލުން. އަދި އެޖެންޑާ19 އިން ވިއްކާފައިވާ ގޮތާ (އެހެނީ ރައްޔިތުން ބަލައިގަނެ ވޯޓުލާފައިވާ ގޮތާ) މިހާރު ބަހުސްކުރާގޮތުގެ މެދުގައި ތަފާތުތަކެއް ވޭތޯ ހޯދުން

އިހުތިސާސް ބެހުމުގައި ހުރި ސުވާލު

ރަށެއްގެ އިހުތިސާސްތެރޭގައިވާ ބިމުގެ ނިންމުން މީސްކޮޅުމަދު ރަށެއްގެ ރައްޔިތުންނަށް އެކަނި ނިސްބަތްވާނަަމަ ސަރުކާރު ނުވަތަ މަހުޖަނު އައިސް ރަށުން ބިން ނަގަން ފަސޭހަ ވެދާނެތޯ؟

އަދި ދާއިރާއެއް ނުވަތަ އަތޮޅެއްގައި ހިމެނޭ ހުރިހާ ރަށެއްގެ ކައުންސިލްތައް މެދުވެރިވެ ބިންދޫކުރުމުގެ ނިންމުމެއް ނިންމައިފިނަމަ، އަދި އަތޮޅުގެ ރައްޔިތުންގެ ނިންމުން އޭގައި ހިމެނޭގޮތަށް ލާޒިމްކޮށް ގާނޫން ފަރުމާ ވެއްޖެނަމަ މަހުޖަނުން އައިސް ރަށްރަށުން ބޮޑެތި ބިން ނަގަން އުނދަގޫ ވެދާނެތޯ؟

މައިސަރުކާރަށް ބަރޯސާ ބޮޑު ލާމަރުކަޒީ ނިޒާމެއްގައި ސަރުކާރު ނުވަތަ މަހުޖަނު އައިސް އަތޮޅުގައި އިންނަ ފަޅުރަށް ސީދާ މައިސަރުކާރާ ގުޅިގެން ގަނެލާ. ރަށު ކައުންސިލް، އަތޮޅު ކައުންސިލް، އަދި އަތޮޅު ރައްޔިތުންގެ ބަހެއް މީގައި ނުހިމެނޭ

ރަށު ކައުންސިލުތައް ވަކިވަކި ހިންގާފައި (މިހާރު އޮންނަ ގޮތަށް) އަތޮޅު ކައުންސިލު ވަކި ބޮޑީއެއްގެ ގޮތުގައި ހިންގީމާވެސް، މަހުޖަނު އައިސް ސީދާ އަތޮޅު ކައުންސިލާ ގުޅިލައިގެން އަތޮޅުގައި އޮތް ފަޅުރަށް ނަގާ. ރަށު ކައުންސިލް އަދި ރައްޔިތުންގެ ބަހެއް މީގައި ނުހިމެނޭ

ރަށާއި އަތޮޅުގެ ތަރައްގީ ރޭވުމުގެ އިހުތިޔާރާއިބާރާމެދު ހުރި ސުވާލު

ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ޝާމިލްވަނީ ރަށު ރައްޔިތުން އެކަނިތޯ، ނުވަތަ އަތޮޅުވެސް ޝާމިލުވޭތޯ؟

އަތޮޅުގެ ލޭންޑް ޔޫސް ޕްލޭން ހެދިދާނެތޯ؟ މިސާލަކަށް އަތޮޅު ކައުންސިލުން ނިންމީ މިއަތޮޅުގެ ކުންނެއް ނާންދާނަމޭ – ކުނި ނައްތާލާނީ އިއާދަކުރެވޭގޮތަށޭ. އެހެންވެއްޖިޔާ އަތޮޅުގެ ހުރިހާ ރަށެއްގައި އެކަން ކުރެވޭނެ ނިޒާމު ހަމަޖައްސާ، އެރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންގައި އެކަމަށް ޖާގަ ކަނޑައެޅޭނެ. އޭރުން މިއީ ސަރުކާރުން ބިން ކަނޑައަޅާ ނިންމަންޖެހޭ ކަމަކަށް ވާކަށް ނުޖެހޭ

މިސާލަކަށް ޓޫރިޒަމް މިނިސްޓަރު ގޮސް އައްޑޫގެ ތަރައްގީއަށް އެމްޔޯޔޫ އެއް އެ ސޮއެކުރަނީ ކޮން އުސޫލަކުން؟ ލާމަރުކަޒީ ނިޒާމެއްގައި އެހެން ކަން ކުރެވެންވާނެތަ؟ ލާމަރުކަޒީ ހިންގުމުގެ ނިޒާމެއްގައި ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒުވާނެ މަރުހަލާ ތަކަކީ ކޮބާ؟

ލާމަރުކަޒީ ނިޒާމުގައި މައި ސަރުކާރުގެ ރޯލަކީ ކޮބާ؟

މިސުވާލުތަކުގެ ޖަވާބު ލިބުނީމާ ލާމަރުކަޒީ އެކްސިސްގައި  އެމްޑީޕީގެ ރޮނގު ކުރަހާނެ ގޮތް ފާޅުވާނެ

Leave a Reply

Your email address will not be published. Required fields are marked *